ހަސަން ޝާހިދު

2006ވަނަ އަހަރުގެ ބޯހިމެނުމުގެ ނަތީޖާގައިވާގޮތުން ސ.އަތޮޅުގައި އިގްތިޞާދީގޮތުން ހަރަކާތްތެރިވާ ފިރިހެނުން އެންމެގިނައީ މީދޫގައެވެ. އެއީ މަސައްކަތްކުރާ އުމުރުގެ 78 އިންސައްތައެވެ. މިނަތީޖާއާއި މީދޫގެ ތަރަށްގީއާ ކޮންމެވެސް ގުޅުމެއްވާނެކަން ޔަގީނެވެ. ނަމަވެސް ސުވާލަކީ މަސައްކަތްކުރާ އުމުރުގެ 78 އިންސައްތަ މީހުން ވަޒީފާ އަދާކުރާ ރަށެށްގެ ކުލަވަރު މީދޫއިން ފެނޭހެއްޔެވެ؟ މިސުވާލުގެ ޖަވާބު ކޮންމެ ގޮތަކަށްދެއްވިޔަސް އަޅުގަޑުމެންގެ މުޖުތަމައުން މިހާރު ފެންނަމުން މިދާ މަންޒަރު ތަކަކީ ތަރަށްގީ މާނަކުރުމުގައި ވިސްނާލަންޖެހޭ ކަންތައްތަކެވެ.

 “ރައީސް މައުމޫނު ދިވެހިރާއްޖޭގެ ވެރިކަމާއި 1978ވަނަ އަހަރު ހަވާލުވެ ވަޑައިގަތްފަހުން އަޅުގަޑުމެން ވަނީ ތަރަށްގީގެ ވަރަށް އުސްމިންތަކެއް ހާސިލްކޮށްފައި” އަދިވެސް އެއްފަހަރު ވިދާޅުވެލަށްވާށެވެ. މިވާހަކައަކީ ތިޔައިގެތެރޭން ކޮންމެ ބޭފުޅަކުވެސް ތަކުރާރުކޮށް އަޑުއަށްސަވާފައިވާނެ ވާހަކައެކެވެ. އެކިއެކި ޖަލްސާތަކުގައި ކަތީބުންނާއި، އަތޮޅުވެރިން އަދި ވަޒީރުން އެބުނާ ތަރަށްގީގެ ވާހަކައިން މައުމޫނަށް ހުޝާމަދުކުރުން އެއީ އެވެރިންގެ ސަގާފަތެކެވެ. ހަމައެހެންމެ އަޅުގަޑުމެންގެތެރެއިންވެސް މަދު ބަޔަކު މިސަގާފަތުގައި ޖެހި ހައްގުނޫން މެޑަލްތައް ވެރިންނަށްދޭތަން ފެނެއެވެ. އަޅުގަޑު ދެކޭގޮތުގައި މިކަންކުރާ މީހުންނަކީ ތިމާގެ ޖާހަތާއި ހައިބަތު ގެއްލިދާނެތީ ބިރުން، ނޫނީ ކޮންމެވެސް އަމިއްލަ ފައިދާއެއް ހޯދުމުގެ ބޭނުމުގައި މަނިކުފާނަކީ އަޅުގަޑުމެން މިދެކޭ ތަރަށްގީގެ ބައްޕައޭ ގޮވާމީހުންނެވެ. އެހެންނޫނަމަ ޕެނަޑޯލްގުޅައަކުން ފަސޭހަނުވާ ކޮންމެ ބައްޔަކަށް ފަރުވާ ހޯދަން ރަށުން ފުރައިގެން ދާންޖެހޭ ރަށެއްގެ ވެރިން މި އަންބާ ގޮވަނީ ކީއްކުރަންހެއްޔެވެ؟ ކޮންމެ އަހަރަކު ހަތަރު ފަސް އާއިލާ އެރަށަކުން ހިޖުރަކުރަމުންދާ ރަށެށްގެ ވެރިން މިހެން ގޮވަނީ ތަރަށްގީވެފައިވާލެއް ބޮޑުކަމުން ހެއްޔެވެ؟

އެބައިމީހުން އެގޮވާ ތަރަށްގީގެ އުސްމިންތަކަކީ ކޮބައިކަމެއް އަޅުގަޑަކަށް ނޭގެއެވެ. އަޅުގަޑަށް އެގޭކަމަކީ ތަރަށްގީ މިނެކިރުމުގައި އުމްރާނީ ތަރަށްގީއާއި އެއްވަރަކަށް އިޖްތިމާއީ ތަރަށްގީއަށްވެސް ސަމާލުކަންދޭން ޖެހޭކަމެވެ. މިދެބަޔައް ވަކިން ވިސްނުން ބަހައްޓައިގެން ތަރަށްގީ މާނަކުރެއްވުމުން މީދޫއަށް އައިސްފައިވާ ތަރަށްގީގެ އަސްލު މަންޒަރު ވަރަށް ސާފުކޮށް ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެއެވެ. އުމްރާނީ ގޮތުން ބަލާއިރު ރައްޔިތުންވަނީ މީގެ 30އަހަރު ކުރިއެކޭ އެއްގޮތަށް އެމީހުންގެ މަސައްކަތުން ކުރިއެރުން ހޯދާފައެވެ. މިރާއްޖޭގެ ވެރިކަމުގައި ކޮންމެމީހަކު ހުއްޓަސް އިންސާނީ ފިތުރަތުގައި އެކަން ލައްވާފައިވާ އުސޫލުގެ މަތިން އިންސާނުން އެބަޔަކު ދިރިއުޅޭ ތަން ތަރަށްގީ ކުރުމަށް މަސައްކަތްކުރާނެއެވެ. ނަމަވެސް އިޖްތިމާއީ ތަރަށްގީއަކީ މިއާއި މުޅިން ތަފާތު އެއްޗެކެވެ. އިޖްތިމާއީގޮތުން ތަރަށްގީވާންޖެހެނީ އެތަނެއްގައި ދިރިއުޅޭ މީހުންނެވެ. މިގޮތުން ބަލާއިރު އިޖްތިމާއީ ތަރަށްގީގެ ބިންގަލަކީ ތައުލީމެވެ.

ކަންދެއްކުމުގެ ގޮތުން މިސަރުކާރުންވަނީ މިވޭތުވެދިޔަ 30 އަހަރު ގިނަކަންތައްތަކެއް ކޮށްފައެވެ. މީގެ އެއްމެ އަލިގަދަ ހެއްކަކީ ތައުލީމު ކުރިއަރުވާށޭ ކިޔައިގެން އުފައްދާފައިވާ ނަންތަކެވެ. އާދެ! އަސާސީ ތައުލީމު، ފަށާ ތައުލީމު، މެދު މަދުރަސީ ތައުލީމު، ސާނަވީ ތައުލީމު، ދުރުންދޭ ތައުލީމު، ދިވެހި ރާއްޖޭގެ ތައުލީމު ކުރިއަރުވާ މަރުކަޒު، މިހެންގޮސް އެއްމެފަހުން 2007ވަނަ އަހަރު ފެށޭއިރު ޔުނިވާސިޓީ ތައުލީމުވެސް ލިބެން ހުންނާނެ ވާހަކަ ވަނީ ވިދާޅުވެފައެވެ. ޔުނިވާސިޓީގެ ނަން ބޯޑު ތަނެއްގައި ހަރުކޮށްލުމަށްފަހު މި ހިރީ ޔުނިވާސިޓީއެކޭ ބުނެލުމުން އެކަންވެސް އެކުރެވުނީއެވެ.  

މަތީގައި ދެންނެވި ތައުލީމީ ހަރުފަތްތައް ފުރިހަމަކުރި ޒުވާނުންގެ ގިނަ ބަޔަކުވަނީ ޑްރަގުގެ މަސްތުގައި ޖެހިފައެވެ. މިދެންނެވި ތައުލީމުގެ ތެރެއިން އަޅުގަޑުމެންގެ ރަށުގައި ދެއްވަނީ ކޮންތައުލީމެއް ކަމެއް އަޅުގަޑަކަށް ނޭގެއެވެ. ކުރިން މިދެންނެވި އެއްވެސް ނަމަކާއި ނުގުޅޭ ތައުލީމެއްގެ އަސަރު އަޅުގަޑުމެންގެ ޒުވާނުންގެ ކިބައިން ފެންނަމުންދާކަން ޔަގީނެވެ. ފަހަރެއްގައި އަޅުގަޑުމެންގެ ޒުވާނުން މިހޯދާ ތައުލީމަކީ އެބުނާ ދުރުންދޭ ތައުލީމު ކަމަށްވެދާނެވެ. ދުރުގަ ތިބެގެން އަޅުގަޑުމެންގެ ދަރިންގެ ސިކުނޑި ހަލާކުކޮށްލާ ތައުލީމެއް މިރާއްޖޭގައި ވަނީ ވަރަށް ފުޅާކޮށްފައެވެ. މީގެ ތަފްސީލު އެހެން ފަހަރަކުން ލިޔެލެވޭތޯ ބަލާނަމެވެ.

އަޅުގަޑުގަޑާއި ތިޔަބޭފުޅުންގެ ތެރެއިން ގިނަބަޔަކަށް މައުމޫނުނޫން އެހެން ވެރިޔަކު ފެނިފައިނުވާނެއެވެ. ވިމާ، މިއައިސްފައިވާ ތަރަށްގީ އައިސްފައިމިވަނީ އަޅުގަޑުމެން ހޭލާތިއްބައެވެ. މިހާހިސާބުން އަޅުގަޑުގެ ހަނދާނަށް އަންނަނީ ޝަރީފީ ޕްރީސްކޫލްގެ ޕީ.ޓީ.އޭ މިއަހަރު އިފްތިތާހުކުރުމުގެ ޖަލްސާގައި ޝަރަފްވެރި މެހްމާނު ދެއްކެވި ވާހަކަފުޅަށެވެ. އެމަނިކުފާނަކީ މީގެ 30އަހަރު ކުރިން މީދޫގެ ހާލަތުއޮތްގޮތްވެސް ދެނެވަޑައިގެން ހުންނެވެ ވަރަށް އިލްމީބޭފުޅެކެވެ. ވީމާ އެމަނިކުފާނު ވިދާޅުވި ބަސްފުޅެށް މިލިޔުމުގައި ފާހަގަމިކުރަނީ މިއައިސްފައިވާ ތަރަށްގީ މާނަކުރެށްވުމަށް ފަސޭހަވާނެކަމަށް ހީކޮށްގެންނެވެ. އާދެ! އެމަނިކުފާނު ވިދާޅުވީ މަދުރަސީ ދައުރުގައި ކުދިންގެ ހިތްތަކުގައި ދީނީ އަގީދާ އަށަގަނެ ނުދެވުމުގެ ސަބަބުން މުޖުތަމައުގެ ހަމަޖެހުން ގެއްލި އެކަކު އަނެކަކަށް އޮންނަންޖެހޭ އަޅާލުމާއި އިޚްތިރާމް ވަނީ ގެއްލިގެންގޮސްފައި ކަމަށެވެ. މި ހަގީގަތަކީ ދުވާލުގެ އަލިކަންފަދައިން އަޅުގަޑުމެންގެ މުޖުތަމައުން މިއަދު ފެންނަމުންދާ ކަންތައްތަކެވެ. އަޅުގަޑުމެންގެ އިޖްތިމާއީ ފޭރާންވަނީ ވީދި ހަލާކުވެ ނެތިގެންގޮސްފައެވެ. އިސްލާމީ ރިވެތި އަޚްލާގުގެ މަތިވެރި ސިފަތައް ވަނީ މިއަދުގެ ޒުވާނުންނާއި ބީރަށްޓެހި އެއްޗަކަށް ވެފައެވެ. އަޅުގަޑުމެންގެ މުޖުތަމައު މިއަދު މިވަނީ މިއިންޒަމާނަކުވެސް ނުދެކޭފަދަ ބިރުވެރި އަދި ނުރަށްކާތެރި ހާލަތަކަށްވެއްޓިފައެވެ. ފާހިޝް އަމަލުތަކާއި، މަސްތުވުމާއި، ފަސާދަކުރުމާއި، މިހެންގޮސް އިސްލާމްދީނުގައި މަނާކުރަށްވާފައިވާ ކަންތައްތަކުގައި އަޅުގަޑުމެން މިވަނީ، މީދޫ ދުވަހަކުވެސް ނުދެކޭފަދަ ތަރަށްގީގެ އުސްމިންތަކެއް ހާސިލްކޮށްފައެވެ.

Leave a Reply